އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ ގުޅިގެން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާ އިމާމުންނަށް އަމާޒުކޮށްގެން "ފަތުވާ މަހާސިންތާ 2024″ ގެ ނަމުގައި މަހާސިންތާއެއް ބާއްވައިފި އެވެ. މި މަހާސިންތާގެ މައުޟޫއަކީ "މުޖްތަމަޢު އިސްލާޙް ކުރުމުގައި ފަތުވާގެ ދައުރު" އެވެ. މި މަހާސިންތާ ބާއްވާފައި ވަނީ 23 ނޮވެންބަރު 2024 ވީ ހޮނިހިރު ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.
މި މަހާސިންތާގެ މަޤްސަދަކީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި އިސްލާމްދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލުތަފާތުވާ މައްސަލަތައްދެނެގަތުމާއި، މުޖުތަމަޢުގެ މަސްލަޙަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ޚިޔާލު ހޯދާ މަޝްވަރާކުރުމާއި، މިކަންކަމުގައި ގުޅުންހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމަޢު އިޞްލާޙު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުމެވެ.
މި މަހާސިންތާ ގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ވަނީ އެކި މަޢުޟޫޢު ތަކަށް ކަރުދާސް ހުށައަޅުއްވާއި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މަޝްވަރާ ކުރެވުނު މަޢުޟޫޢުތަކުގެ ތެރޭގައި
- ދިވެހިރާއްޖެއާއި ފަތުވާ – ކަރުދާސް ހުށަހަޅުއްވައިދެއްވީ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް.
- ފަތުވާ: މުޖުތަމަޢު އިޞްލާހު ކުރުމަށް މަގެއް – ކަރުދާސް ހުށަހަޅުއްވައިދެއްވީ ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން.
- ފަތުވާދޭ މީހުންނާއި ފަތުވާ ލިބިގަންނަ މީހުންގެ އަޚްލާޤީ މިންގަނޑު އަދި ފަތުވާއެއް ނެރުމުގައި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުން ގެންދާ ގޮތްތައް – ކަރުދާސް ހުށަހަޅުއްވައިދެއްވީ ޑރ. މޫސާ އަންވަރު ޙަސަން.
- ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަތުވާއާއި ދީނީ ނަސޭހަތް ދިނުމުގެ ނިޒާމަށް ބަދަލު ގެންނަންޖެހޭ ހެއްޔެވެ؟ – ކަރުދާސް ހުށަހަޅުއްވައިދެއްވީ އައްޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދު.
- މިހާތަނަށް ނެރެފައިވާ ފަތުވާތަކުގެ އުސްއަލި – ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ އައްޝައިޚް އިލްޔާސް ޙުސައިން.
- ޤާނޫނީ ނަޒަރަކުން ދީނީ ނަސޭހަތްދިނުމުގައި ވިސްނަންޖެހޭ ކަންކަން – ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން.