About Us

Sh. Hassan Thaufeeq

އައްޝައިޚް ޙަސަން ތައުފީޤް

الشيخ حسن توفيق

މެންބަރު ކަމަށް އައްޔަނު ކުރެވުނު ތާރީޚް: 03 އޮގަސްޓް 2016

މެންބަރު ކަމުން ވަކިވި ތާރީޚް: 02 އޮގަސްޓް 2021

މެންބަރު ކަމުގައި ހޭދަވި މުއްދަތު: 5 އަހަރު

އައްޝައިޚް ޙަސަން ތައުފީޤް ވަނީ "ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީސް" އިން 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ ވިލާ ކޮލެޖުން މާސްޓަރސް ހާޞިލު ކުރައްވާފައެވެ. މިޞްރުގެ ޤާހިރާގެ އިސްލާމިކް މިޝަންސް އިންސްޓިޓިއުޓުން ޝަހާދާ އިޢުދާދިއްޔާ އާއި ޝަހާދާ ޘާނަވިއްޔާ ނިންމެވުމަށްފަހު، 1998 ވަނަ އަހަރު ޖާމިޢަތުލް އަޒްހަރުގެ ފެކަލްޓީ އޮފް ތިއޮލޮޖީ އިން ކީރިތި ޤުރްއާނުގެ ޢިލްމާއި ތަފްސީރު ގެ ރޮނގުން ބެޗްލަރސް ޑިގްރީ ޙާސިލު ކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ކުރެއްވުމުގައި ފާހަގަ ކޮށްލެވޭ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްޝައިޚް ޙަސަން ތައުފީޤު މިވަގުތު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުސާޢިދު ވާޢިޡު ކަމުގެ މަޤާމެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުޝްރިފް މުސާޢިދެއްގެ ގޮތުގައާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގައި ވެސް މުޝްރިފު މުސާޢިދެއްގެ މަޤާމާއި އިސް އިމާމެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.

ތަޢުލީމީ ދާއިރާގައި ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ކޮލެޖް އޮފް އިސްލާމިކް ސްޓަޑީސްއާއި ވިލާ ކޮލެޖްގައި ޕާޓްޓައިމް ލެކްޗަރަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމާއި، އިސްލާމިކް ޔުނިވަސިޓީގެ ޕާޓްޓައިމް ލެކްޗަރަރުކަން ހިމެނެއެވެ. އަދި ފަރީދިއްޔާ ސްކޫލްގެ އިސްލާމް ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރެއްވުމަށް ފަހު، ޣާޒީ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައާއި ލީޑިން ޓީޗަރެއްގެ ގޮތުގައާއި އިސްލާމް އެންޑް ޤުރްއާން ޑިޕާޓްމަންޓް ގެ ހެޑް އޮފް ޑިޕާޓްމަންޓް ކަން ކުރައްވާފައިވެއެވެ.

އައްޝައިޚް ޙަސަން ތައުފީޤު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަމަށް ޢައްޔަން ކުރެވުނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހު އެވެ. މަޖިލީހުގެ މެންބަރުކަމުގެ ދައުރު ހަމަވެފައި ވަނީ 2 އޮގަސްޓް 2021 ގައެވެ.

ހިއްސާކުރައްވާ