ޝައިޚް އިލްޔާސް ޙުސައިން


ޝައިޚް އިލްޔާސް ޙުސައިން ވަނީ 2016 ވަނަ އަހަރު މެލޭޝިއާގެ އަލް މަދީނާ އިންޓަރނޭޝަނަލް ޔުނިވާސިޓީން މާސްޓަރސް އިން ދަޢްވާ ޙާޞިލް ކުރައްވާފައިވެއެވެ. 1979 ވަނަ އަހަރު އިންޑިއާގެ ގުޖްރާތުގެ މަޓްލީވާލާ ޕަބްލިކް ސްކޫލުގެ ދާރުލް އުލޫމް ފެކަލްޓީ އިން މެމޮރައިޒޭޝަން އޮފް ޤުރުއާން ނިންމެވުމަށްފަހު 1982 ވަނަ އަހަރު އިންޑިއާގެ ޑާބީލް އިސްލާމިކް ޔުނިވަރސިޓީ އިން މަތީ ޘާނަވީ ސެޓްފިކެޓް ޙާސިލުކުރެއްވިއެވެ. އަދި 1987 ވަނަ އަހަރު ހަމަ އެޔުނިވަރސިޓީއިން އިސްލާމިކް ސްޓަޑީސް އެންޑް ލޯއިން ޑިގްރީ ފުރިހަމަކުރެއްވިއެވެ. އެއަށްފަހު 1993 ވަނަ އަހަރު ސަޢުދިޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީ އިން ޤުރުއާނިކް ސްޓަޑީސް އިން ދެވަނަ ޑިގްރީ ހާސިލްކުރެއްވިއެވެ.

ޝައިޚް އިލްޔާސް ޙުސައިން ފާހަގަ ކުރެވިފައި ވަނީ ދައުލަތުގެ ޒިންމާދާރު މަޤާމުތަކެއް އަދާކުރައްވަމުން، ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތާއި ތަޢުލީމީ ދާއިރާގައިވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި އަދާލަތު ޕާޓީގެ ސްކޮލަރސް ކައުންސިލްގެ ނައިބު ރައީސްކަމާއި ރައީސްކަން ކުރެއްވިއެވެ. އައްޑޫ ސިޓީ ހިތަދޫ ސުކޫލް – މަދަރަސަތުލް އިސްލާމިއްޔާގެ އިސްލާމް ޓީޗަރުކަން 1992 އިން 2007 އަށް ކުރައްވާފައިވެއެވެ.  އަދި މަސްޖިދުލްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޛަމްގައި އިމާމެއްގެ ގޮތުގައި 2009 އިން 2014 އަށް މަސައްކަތް ކުރައްވައިފައިވެއެވެ.

ޝައިޚް އިލްޔާސް ޙުސައިން ފާހަގަ ވެފައިވަނީ ދިވެހިރާއްޖޭގައި އިސްލާމީ ރިސާލަތު ފެތުރުއްވުމަށް ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން 1997 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާ ދީނީ އެކި އެކި މަޢުޟޫތަކަށް ދަރުސްތައް ދެއްވަމުން ގެންދަވައެވެ. ހަމަ އެއާއެކު ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެމިނާރ އަދި ބައްދަލުވުންތަކާއި، ޓީވީ އާއި ރޭޑިއޯއިން ގެނެސްދޭ ޕްރޮގްރާމްތައް އުފެއްދުމާއި ހުށައަޅައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ނޫސް މަޖައްލާތަކުގައި ވެސް ދީނީކަންކަމާ ގުޅޭ ލިޔުންތައް ހިމެނުއްވާފައިވެއެވެ.

ޝައިހު އިލްޔާސް ޙުސައިން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަމަށް ޢައްޔަން ކުރެވުނީ 2023 ވަނަ އަހަރުގެ މާރިޗް މަހުގެ 29 ވަނަ ދުވަހު އެވެ.