ޑރ. އިބްރަހީމް ޒަކަރިއްޔާ މޫސާ


ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ 2010 ވަނަ އަހަރު މެލޭޝިއާގެ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ފިޤުހު އެންޑް އުޞޫލުލް ފިޤުހު އިން ޕީ،އެޗް،ޑީ ހާޞިލުކުރައްވާފައެވެ. އަދި 2007 ވަނަ އަހަރު ހަމަ އެ ޔުނިވަރސިޓީން އިސްލާމިކް ރިވީލްޑް ނޮލެޖް އިން މާސްޓާސް  ޙާޞިލުކުރައްވާފައިވެއެވެ.  1983 ވަނަ އަހަރު، އިސްލާމިކް ޝަރީޢާއިން ޑިގްރީ ޙާސިލުކުރައްވާފައިވަނީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީންނެވެ. މީގެ އިތުރުން 1971 އާއި 1979 އާ ދެމެދު ޕާކިސްތާނުންނާއި ސަޢޫދީޢަރަބިއްޔާއިން މެޓްރިކިޔުލޭޝަންއާއި، ޘާނަވީ ތަޢުލީމު ޙާސިލުކުރައްވައި އުރުދޫބަހާއި އިގިރޭސިބަހާއި ޢަރަބި ބަސް ދަސްކުރެއްވިއެވެ.

ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ފާހަގަ  ވަނީ ދައުލަތުގެ ޒިންމާދާރު އިސްމަޤާމުތަކެއް އަދާކުރައްވަމުން، ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތާއި ތަޢުލީމީ ދާއިރާގައިވެސް  މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި 15 އަހަރު ރައްޔިރުންގެ މަޖިލީހުގެ މެންބަރުކަމާއި، ރައްޔިރުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާފައިވެއެވެ.  މީގެއިތުރުން، ތަޢުލީމީ ފަންޑުގެ ޗެއާމަންކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސުޕަރވިޒަން ކޮމިޓީގެ މެމްބަރުކަމާއި، އިސްލާމިކް އެފެއާޒްގެ ސްޕްރީމް ކައުންސިލްގެ މެމްބަރުކަމާއި، މޯލްޑިވްސް ފިޤްހު އެކަޑެމީގެ މެމްބަރުކަމާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ރިސާރޗް އެތިކްސް ކޮމިޓީގެ  މެމްބަރުކަމާއި، މެލޭޝިއާގެ މިރާޖުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. އަދި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ހޯލްޑިންގކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގައި އިސްލާމީ މާލީ މުޢާމަލާތްތަކާގުޅޭ ޚިދުމަތްދޭ ގިނަ މުއައްސަސާތަކުގެ ޝަރީޢަ ކޮމިޓީގެ މެމްބަރުކަންވެސްކުރައްވަމުން ގެންދަވައެވެ.

ތަޢުލީމީ ދާއިރާގެ ތެރެއިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރކަމާއި، ޕޯސްޓް ގްރެޖުއޭޓް ސްޓަޑީސްގެ ޑީންކަން ކުރައްވާފައިވެއެވެ. އަދި ހަމަ އެހެންމެ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ރެކްޓަރކަމާއި އިސްލާމިކް ޢަރަބި ސްކޫލްގެ މުދީރު އަދި މުދީރު ޢާންމުކަމާއި   ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ އެގްޒަމިނަރު ކަމާއި،، ޤައުމީ އެކިއެކި ބޯޑުތަކުގެ މެމްބަރުކަމާއި،  ޤުރުއާން ތަރުޖަމާކުރުމުގެ ކޮމިޓީގެ މެމްބަރުކަން ކުރައްވަވާފައިވެއެވެ. އަދި ލެކްޗަރާއެއްގެ ގޮތުގައި ވިލާކޮލެޖާއި، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި،ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ކުއްލިޔއްތުއް ދިރާސާތިލް އިސްލާމިއްޔާއާއި މުދައްރިސުންގެ ތަޢުލީމުދޭ މަރުކަޒުގައިވެސް މަސައްކަތް ކުރައްވައިފައިވެއެވެ. އަދި މަޖީދިއްޔާ ސްކޫލާއި މާލޭ އިންގްލިޝް ސްކޫލުގެ  މުދައްރިސެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވެވިއެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގސެމިނާރ އަދި ބައްދަލުވުންތަކާއި، ޓީވީ އާއި ރޭޑިއޯއިން ގެނެސްދޭ ޕްރޮގްރާމްތައް އުފެއްދުމާއި ހުށައަޅައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ނޫސް މަޖައްލާތަކުގައި ވެސް އެބޭފުޅާގެ ދީނީކަންކަމާ ގުޅޭ ލިޔުންތައް ހިމެނުއްވާފައިއެވެ. މީގެ އިތުރުން، ޤައުމީ އަދި ބައިނަލްއަޤްވާމީ ކޮންފަރެންސްތަކާއި ސެމިނާރތަކުގައި ބައިވެރިވެ، ޕެނަލް ޑިސްކަޝަންތަކާއި ދިރާސާތައް ހުށަހަޅުއްވައެވެ.

ޑރ. އިބްރަހީމް ޒަކަރިއްޔާ މޫސާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަމަށް ޢައްޔަން ކުރެވުނީ 2023 ވަނަ އަހަރުގެ މާރިޗް މަހުގެ 29 ވަނަ ދުވަހު އެވެ.