އައްޝައިޚް އިބްރާހިމް އަޙްމަދު


އައްޝައިޚް އިބްރާހިމް އަޙްމަދު ވަނީ 2013 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ”ފިޤުހު އެންޑް އުޞޫލް ފިޤުހު“ އިން މާސްޓާރސް ހާޞިލް ކުރައްވާފައެވެ. ހިސްޓްރީ އެންޑް އާކިއޮލޮޖީ އިން ބެޗްލާރސް ޑިގްރީ ހާޞިލް ކުރެއްވީ އެކުވެރި ޢަރަބި ޢިމާރާތުގެ ޔުނައިޓަޑް އަރަބް އެމިރޭޓްސް ޔުނިވަރސިޓީ އިން 1997 ވަނަ އަހަރުއެވެ. މީގެ އިތުރުން 2008 ވަނަ އަހަރު އިމާމުން ތަމްރީނު ކުރުމުގެ ކޯހަކާއި، 2016 ވަނަ އަހަރު ފަތުވާ ދިނުމުގެ މަސައްކަތާއިބެހޭ ޓްރައިނިންގް ކޯހެއް އަޒްހަރުގައި ފުރިހަމަ ކުރައްވާފައިވެއެވެ.

އައްޝައިޚް އިބްރާހިމް އަޙްމަދު ފާހަގަ ކުރެވިފައި ވަނީ ދައުލަތުގެ ޒިންމާދާރު އިސްމަޤާމުތަކެއް އަދާކުރައްވަމުން، ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތާއި ތަޢުލީމީ ދާއިރާގައިވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، ރައްޔިރުންގެ ޚާއްޞަ މަޖިލީހުގެ ފ. އަތޮޅުގެ މެންބަރުކަމާއި، ޖުޑީޝަލް ސާވީސް ކޮމިޝަންގެ މެމްބަރުކަމާއި، ފިޤުހު އެކަޑަމީގެ މެންބަރުކަން ހިމެނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރިކަ ޕްރޮޖެކްޓް ޓެކްނިކަލް ކޮމިޓީގެ މެންބަރުކަމާއި، އެޓަރނީ ޖެނަރަލް އޮފީހުގެ ކްލެމެންސީ ބޯޑުގެ މެންބަރުކަމާއި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ކައުންޓަރ ރެޑިކަލައިޒޭޝަން ޓެކްނިކަލް ކޮމެޓީގެ މެންބަރުކަމާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޑޮމެސްޓިކް ވައިލަންސް ޕްރިވެންޝަން ކޮމެޓީގެ މެންބަރުކަމާއި، އިސްލާމް ކަރެކިއުލަމާއި ޤުރްއާން ކަރެކިއުލަމް އެކުލަވާލި ކޮމެޓީގައި މަސައްކަތް ކުރެއްވުމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހުކުރު ޚުތުބާ ކޮމެޓީ، ޒަކާތު ކޮމެޓީ، ވަޤްފް ފަންޑު ކޮމެޓީ އަދި ޒަކާތު ސްކޮލަރޝިޕް ކޮމެޓީގެ މެންބަރުކަން ކުރައްވާފައިވެއެވެ.

ތަޢުލީމީ ދާއިރާގެ ތެރެއިން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސްގެ އެގްޒަމިނަރު ކަމާއި ސީނިއަރ އެގްޒަމިނަރު ކަމާއި، މަޢުހަދުގެ މުދައްރިސްކަމާއި ސްޕަވައިޒަރުކަމުގެ އިތުރަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި ވިލާކޮލެޖް ގައި ޕާޓް ޓައިމް ލެކްޗަރަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެމިނާރ އަދި ބައްދަލުވުންތަކާއި، ޓީވީ އާއި ރޭޑިއޯއިން ގެނެސްދޭ ޕްރޮގްރާމްތައް އުފެއްދުމާއި ހުށައަޅައިދިނުމުގައި އިސްކޮށް ހަރަކާތްތެރިވެ ބައިވެރިވެ ވަޑައިގަންނަވައެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި ”ސީރަތުއްރަސޫލާ“ އާއި ”ރަށްވެހިކަމާއި ގޮންޖެހުން“ އާއި ”ޞަލީބީ ހަނގުރާމަ“ އާއި ”މުސްލިމަކު ކާފަރުކުރުމާއި އޭގެ އިންތައް“ އާއި ”އިސްލާމްދީނުގައި ޖިހާދުގެ މަފްހޫމް“ އާއި ”އިސްލާމްދީނުގައި އަމަންއަމާންކަމާއި“ އަދި ”ޖަމްރާއަށް ހިލައުކުމުގައި ލެއްވި ލުއިގޮތްތައް“ ފަދަ ފޮތްތައް ހިމެނެއެވެ. ދީނީ ހޭލުންތެރިކަން ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކޮށް އެރޮނގުން ދައުލަތުން ދެއްވާ ހިތްވަރުދިނުމުގެ އިނާމު 2016 ވަނަ އަހަރު ލިބިވަޑައިގެންފައި ވެއެވެ.

އައްޝައިޚް އިބްރާހިމް އަޙްމަދު އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނާއިބު ރައީސްކަމާއި، މެންބަރުކަމަށް ޢައްޔަން ކުރެވުނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހު އެވެ. މަޖިލީހުގެ މެންބަރުކަމުގެ ދައުރު ހަމަވެފައިވަނީ 2 އޮގަސްޓް 2021 ގައެވެ.