ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމް


ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް ވަނީ، ”ޑޮކްޓަރ އޮފް ފިލޯސަފީ އިން ފިޤްހު އެންޑް އުސޫލް ފިޤްހް“ އިން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން 2021 ވަނަ އަހަރު ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މިޞްރުގެ ޖާމިޢަތުލް އަޒްހަރުން ޘާނަވީ އަދި މަތީ ޘާނަވީ ނިންމަވައި، ބެޗްލަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލް ކުރެއްވުމަށްފަހު މާސްޓާސް އިން ފިޤްހުލް މުޤާރަން ހާޞިލް ކުރެއްވީވެސް އަލްއަޒްހަރު ޔުނިވަރސިޓީ އިންނެވެ. މީގެ އިތުރުން ޖެނަރަލް ސަރޓިފިކެޓް އޮފް އެޑިއުކޭޝަން ވެސް އަޒުހަރު ޔުނިވަރސިޓީއިން ހާޞިލް ކުރެއްވިއެވެ.

ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމް ފާހަގަކުރެވިފައި ވަނީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ދީނީ ޢިލްމުވެރިންގެ ތެރޭގައެވެ. މިގޮތުން އިސްލާމީކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަން 1998 ވަނަ އަހަރުން ފެށިގެން 2008 ގެ ނިޔަލަށް ކުރައްވާފައިވާއިރު، އެންމެ ފުރަތަމަ އުފެދުނު އިސްލާމީ ފިޤުހު އެކަޑަމީގެ ރައީސްއަކީވެސް އެމަނިކުފާނެއެވެ. ދީނީ އެކިއެކި ދާއިރާތަކުން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބޭނުންވާނެ އެތަކެއް ފޮތްތަކެއް އެމަނިކުފާނު ލިޔުއްވާފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ލިޔުއްވި ކީތިރި ރަސޫލާގެ ސިޔަރަތާއި، ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ވާހަކަތަކާއި، ސީރަތު އުންމަހާތުލް މުއުމިނީންއާއި، ނަމާދާ، ފިޤުހީ އަދި އާއިލީ މައްސަލަތަކުގައި ލިޔުއްވި ފޮތްތައް ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤަޟާޢީ ނިޒާމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވެވި ބޭފުޅެއްގެ ގޮތުގައިވެސް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމް ފާހަގަ ކުރެވެއެވެ. މިގޮތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމު 12 އަހަރު އަދާކުރައްވާފައިވާއިރު، ޖަސްޓިސް މިނިސްޓަރު ކަމުގެ މަޤާމު 1989 ވަނަ އަހަރުން ފެށިގެން 1993 ގެ ނިޔަލަށް އަދި ޖަސްޓިސް އެންޑް އިސްލާމިކް އެފެއާރޒް މިނިސްޓަރުކަން 1993 އިން 1996 އަށް އަދާކުރެއްވިއެވެ. އަދި ޖުޑީޝަލް ސަރވިސަސް ކޮމިޝަންގެ ރައީސް ކަމުގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މުސްތަޝާރެއްގެ މަޤާމާއި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރުކަމާއި، ޝަރުޢީ އަދި ޤާނޫނީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްޞަ ކޮމިޓީގެ ރައީސްކަމާއި، ކީރިތީ ޤުރުއާން ތަރުޖަމާ ކުރެއްވެވި ކޮމިޓީގެ މެންބަރުކަމާއި ރައީސްކަން ކުރައްވާފައިވެއެވެ.

ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމް އެންމެ ފުރަތަމަ ވަޒީފާއަކާ ގުޅިވަޑައިގަތީ 1974 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ދަންމާމުގެ އަބޫޢުބައިދާ މަދަރުސާގެ މުދައްރިސެއްގެ މަޤާމާއެވެ. އޭގެ ފަހުން 1977 ވަނަ އަހަރު ޖާމިޢަތުލް އިމާމު މުޙައްމަދު ބިން ސުޢޫދުލް އިސްލާމިއްޔާގެ މުދައްރިސްކަމާއި ލެކްޗަރަރެއްގެ މަޤާމު 1985 ވަނަ އަހަރާ ހަމައަށް ފުރުއްވިއެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން 1981 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުސްތަޝާރެއްގެ ވަޒީފާއާ ގުޅިވަޑައިގެން އޭގެ ފަހުން އެ އޮފީހުގެ ޚާއްޞަ ވަކީލެއްގެ މަޤާމުވެސް ފުރުއްވިއެވެ. އޭގެ ފަހުން އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ފުރަތަމަ ނާޡިރުކަމާއި، ޖަސްޓިސް މިނިސްޓަރުގެ ނާއިބުކަން ވެސް ފުރުއްވާފައިވެއެވެ.

މިހާތަނަށް ޖުމްލަ 40 އަހަރަށް ވުރެއް ގިނަ ދުވަހު ޑރ. މުޙައްމަދު ރަޝީދު އިބްރާހިމް ދައުލަތަށް ޚިދުމަތް ކުރައްވާފައިވެއެވެ. މިކަމުގެ އަގުވަޒަން ކުރައްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބާއި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފު (ނ.ޢ.ޢ.ވ) ވަނީ 2008 ވަނަ އަހަރު ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމަށް އަރުވާފައެވެ.

ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަޤާމާއި، މެންބަރަކަށް ޢައްޔަން ކުރެވުނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 3 ވަނަ ދުވަހު އެވެ.